އިންތިޚާބްވެފައިވާ ބަޔަކަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަޖަމްނުކުރެވުމަކީ ތަސައްރަފްނުފުދުން
May 2, 2012 1 Comment
އަޅުގަނަޑު ވަޒީފާއަދާކުރަން ފެށިފަހުން މިވީހާތަނަށް ހޯނޑެއްދޫ ސްކޫލްގައި މަސައްކަތްކޮށްފައިވާނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއިއެކުގައެވެ. ހަމައެހެންމެ ވަޒީފާގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާނުކޮށް ނޯންނާނެއެވެ. އަދި އަޅުގަނޑަށް އެގިގެން ރަސްމީގޮތުން އަޅުގަނޑާއި ބެހޭ މައްސަލައެއް ސްކޫލަށް އެއްވެސްފަރާތަކުން ހުށަހަޅާފައި ނޯންނާނެވެ. އަދިއެފަދަކަމެއް ސްކޫލުންވެސް ފާހަގަކޮށްފައި ނުވެއެވެ.
ކަންމިހެން އޮތްހިނދު 29 އެޕްރީލް 2012 ވަނަ ދުވަހު ހޯނޑެއްދޫ ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި އަޅުގަނޑުގެ އަޤްލާގީ މައްސަލަތަކެއް ހުރިކަމަށްބުނެ އަޚްލާގީ ގޮތުން ބޭއަދަބީ ބަހުރުވައެއް ބޭނުން ކުރާކަމަށްބުނެ އެކަމުގެ ހައްލެއް ހޯދުމަށް އެދިފައިވެއެވެ. މިވީހާތަނަށް ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގައި އަދި ފުލުސް އޮފީހެއްގައިވެސް އަޅުގަނޑުގެ މައްސަލައެއް ނޯންނާނެއެވެ. އަޅުގަނޑާމެދު ތުހުމަތުކޮށް ހޯނޑެއްދޫ ކައުންސިލުން ފޮނުވާފައިވާ ސިޓީއަކީ އޭގައި އެއްވެސް ހަޤީގަތެއް އެކުލެވިގެންވާ އެއްޗެއް ނޫނެވެ. އަދި އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަކި ސިޔާސީ ފިކުރަކަށް ތަބާވާ ބަޔަކަށް ސިވިލް ސާވެންޓެއް ވަޒީފާއި ދުރުކުރުމަށް މަސައްކަތްކުރުމަކީ އޭގައި ޒާތީ ކަންތައްތަކެއް އެކުލެވިގެންވާ ކަމެކެވެ.
ސިވިލް ސާވެންޓްގެ ކޯޑް އޮފް ކޮންޑެކްޓާއި އަޅުގަނޑު ޚިލާފްވެއްޖެ ނަމަ އެއްވެސް ފިޔަވަޅެއް އެޅޭނީ ސިވިލް ސާވިސްގެ އޮންނަ ޕްރޮސެސްއެއްގެ ތެރެއިންނެވެ. ސިވިލް ސާވިސް ޤާނޫނުންސިވިލް ސާވެންޓުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤުލިބިގެންވެއެވެ. އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަސާސީ ހައްޤުތަކާއި މިނވަންކަމުގެ ބާބުގެ 27 ވަނަ މާއްދާގައި ބުނަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިނިވަންކަމާއިއެކު ފިކުރު ކުރުމާއި، އިސްލާމް ދީނުގެ އަސްލަކާއި ޚިލާފްނުވާގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަގޮތާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ ހައްޤު ލިބިގެންވެއެވެ. ވީހިނދު އަޅުގަނޑު ގަބޫލްކުރާ ސިޔާސީ ފިކުރެއް ފާޅުކޮށް ސިޔާސީ ޕާޓީތަކުގެ ހަރަކާތުގައި ބެއިވެރިނުވޭވޭނެ އެއްވެސް ހުއްޖަތެއް ދިވެހިރާއްޖޭގެ ހެދިފައިވާ ޤާނޫނުތަކުން ހޯނޑެއްދޫ ކައުންސިލަކަށް ދެއްކޭކަށް ނޯންނާނެއެވެ. ދިވެހިރާއްޖެއަށް އައިސްފައިމިވާ ޑިމޮކްރެޓިކް ބަދަލާއިއެކު ޤާނޫނީ އިމުގެ ތެރެއިން ކަންކަންކުރުމަށް ހޯނޑެއްދޫ ކައުންސިލަށް އިންތިޚާބްވެފައިވާ ބަޔަކަށް ނޭގުންއެއީ ވަރަށްވެސް ހިތާމަހުރިކަމެކެވެ. އަދި އެބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމެކެވެ.
އަޅުގަނޑު ގަބޫލްކުރާ ސިޔާސީ ފިކުރަކާހުރެ ވަޒީފާއިން ވަކިކޮށްފާނެކަމީ އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުންވާކަމެއް ނޫނެވެ. އަދި އެންމެ އިންޗިއެއްވެސް ފަހަތައް ޖެހޭނެ ކަމެއްނޫނެވެ.އެހެންނަމަވެސް މިފަދަ އިޖްތިމާއީ ބޮޑު ޚިދުމަތެއް ފޯރުކޮށްދެމުންދާ ހިނދެއްގައި ސާބިތު ނުހިފޭ ވާހަކަތަކެއް ހޯނޑެއްދޫ ކައުންސިލުން ދެއްކުމަކީ އަޅުގަނޑު ނުހަނު ކަންބޮޑުވާކަމެކެވެ. އެހެންނަމަވެސް ތަސައްރަފް ނުފުދޭ ސިޔާސީވެރިން މިފަދަ ވާހަކަދެއްކުމަކީ ހައިރާންވާކަމެއް ނޫނެވެ. ދާދިފަހުން ހޯނޑެއްދޫ ކައުންސިލް މެންބަރ މުޙައްމަދު އަޔާޒު ވަކިކުރުމަށް ޤަރާރެއް ފާސްކުރުމަކީވެސް ހަމަ މިފަދަކަމެކެވެ. ޤާނޫނީގޮތުން ކައުންސިލްގެ ޒިންމާއަދާ ނުކުރެވޭ އަދި ޤާނޫނީ ޒިންމާ އަދާނުކުރެވޭ ބަޔަކަށް ޚިޔާލުފާޅުކުރުމުގެ މިނަވަންކަން ހަޖަމްނުކުރެވުމަކީ ހަމަ ތަސައްރަފްނުފުދޭކަމެވެ.
ހޯނޑެއްދޫ ކައުންސިލްގެ ސިޓީ ކިޔުއްވުމަށް Hoadedhoo council letter













Comments