އެތައް ބަޔެއްގެ އުންމީދު
July 7, 2011 Leave a Comment
މިއަދަކީ ހޯނޑެއްދޫ ސްކޫލަށް 45 އަހަރު ފުރުނު ދުވަހެވެ. ހޯނޑެއްދޫގައި ތައުލީމް އުގަންނައިދެވެން ފެށުނު ތަރީޚެއް ލިޔެކިޔެމުން ފެންނަން އޮތްގޮތުންނަމަ 45 އަހަރެވެ. އެހެންނަމަވެސް ދުވަސްވީ ގިނަ މީހުން ބުނާގޮތުންނަމަ އެއަށްވުރެ ގިނަދުވަސް ވެދާނެއެވެ. މިހިނދުގައި ފަށާތައުލީމް ނުވަތަ ޕްރީސްކޫލް ތައުލީމަކީ ހޯނޑެއްދޫ ރައްޔިތުން އިހުނަށްވުރެ ބޮޑަށް މިއަދު ބޭނުންވެފައިވާ ތައުލީމެކެވެ.
ހޯނޑެއްދޫގައި ޕްރީސްކޫލް ތައުލީމް މީގެ ކުރިން ދެމުންއައިނަމަވެސް އެކަށޭނަ ފެންވަރުގެ ފަށާތައުލީމް ނުލިބުމަކީ ހޯނޑެއްދޫ ރައްޔިތުން ކުރަމުން އައި ޝަކުވާއެކެވެ. އަދި އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމެވެ. މިއަދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ ނުވަތަ އުފާވެރިކަން ލިބޭ އެއްކަމަކީ އެކަށޭނަ ފެންވަރުގެ ޕްރީސްކޫލް ތައުލީމް
ދާދި އަވަހަށް ހޯނޑެއްދޫގައި ފެށިގެންދާނެތީއެވެ. ހުވަދޫ އެއިޑްގެ ހެޑިއުކެއާރ ޕްރީސްކޫލްގެ މަސައްކަތުގެ 95% ނިމަ ޖުލައި 15 ގައި ހުޅުވިގެން ދާއިރު ހަމަ ޔަގީނުންވެސް އެތައް ބަޔެއްގެ އުންމީދަކަށް ނުވެ ނުދާނެއެވެ. ބޭނުންވަނީ ޒަމާނީ ފެންވަރު ރަނގަޅު ތައުލީމެވެ. ކިތަންމެ ރީއްޗަށް އިމާރާތެއް އެޅުނުކަމުގައިވިޔަސް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުނުކުރެވިއްޖެ ނަމަ އޭގެ މަންފާއެއް ނުކުރާނެއެވެ. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ މިދެންނެވި ފެންވަރު ރަނގަޅު ތައުލީމް ފޮރުކޮށްދިނުމެވެ. އަދި ފަށާތައުލީމަށް ރައްޔިތުންގެ ޖީބުން ޚަރަދުވާ ފައިސާ ލުއިކޮށްދިނުމަކީ އަބަދުވެސް އަޅުގަނޑުމެން ދެކެމުން އަންނަ ހުވަފެނެކެވެ. އެހުވަފެންވެސް އިރާދަކުރެއްވިއްޔާ ހަޤީގަތަކަށް ހެދުމަށް ކެނޑިނޭޅި އަޅުގަނޑުމެން މަސައްކަތްކުރާނަމެވެ.














Comments